ޚަބަރު

މާޅޮހުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާޅޮހުގައި ހިންގި މަސްތުުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މާރިޗު 30ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބ. މާޅޮސް / ބަހާރުގެ، ޢިނާޝް ވަޙީދު (37އ) ކަމަށެވެ. އަދި މާޅޮހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance