ޚަބަރު

މާލެ ސިޓީގެ ގިނަ ވިޔަފާރިތަކެއްގެ ފުރިހަމަ ތާއީދު މޫސާ ޢަލީ ޖަލީލަށް!

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެ ސިޓީގެ ގިނަ ވިޔަފާރިތަކެއްގެ ފުރިހަމަ ތާއީދު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ދީފިއެވެ.

Ads by Allied

މި އިއުލާންކުރީ މާލެ ސަރަޙައްދުގައި ހިންގާ ގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގުދަންކުރުމާއި ޕާކުކުރުމުގެ މައްސަލަތަކަށް ސަރުކާރާ ގުޅިގެން ޙައްލު ހޯދުމުގެ މަޤްޞަދުގައި، މިއަދު މާލޭގެ މަންހަޓަން ރެސްޓޯރަންޓުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، ވެރިރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއެޅިފައިވާ ކަންކަން ނިމުމަކަށް ގެނެވޭނީ މާލޭ ސިޓީ ކައުންސިލަކީ ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދޭ، ގުޅިގެން މަސައްކަތްކުރާ އިދާރާއަކަށް ހަދައިގެންނެވެ. އެހެންކަމުން މޭޔަރުކަމަށް އެންމެ ޤާބިލު ބޭފުޅަކީ ޖަލީލްކަމަށް އެ ފަރާތްތަކުން ވަނީ އިއްތިފާޤުވެފައެވެ.

ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން މޫސާ ޢަލީ ޖަލީލް ވިދާޅުވީ، މުދާ ރައްކާކުރުމާއި އުޅަނދުފަހަރު ޕާކުކުރުމަށް ހުރި ދަތިތައް ނައްތާލުމަށް ދައުލަތުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ޒުވާނުންނަށާއި، މިހާރު ހިނގަމުންދާ ކުދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ފުރިހަމަ ތަޞައްވުރެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތްކަން ހާމަކުރެއްވިއެވެ.

މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ، މާލޭގެ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަން ނިންމުމުގައި އަބަދުވެސް ވިޔަފާރިވެރިންގެ ލަފަޔާއި މަޝްވަރާ ހޯއްދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން، އެމަނިކުފާނު ވަނީ އެންމެންގެ ޚިޔާލާ އެކު މައްސަލަތަކަށް ނިމުން ގެނެސްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

Ads by Allied Insurance