ތިން އިންތިޚާބު އެއްކޮށްލުމަކީ ކުރިން އެމްޑީޕީގެ ވެސް ވިސްނުމެއް ކަމަށް މަހުލޫފް ވިދާޅުވެއްޖެ
ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވިސްނުމެއް ކަމަށް ކުރީގެ މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އަޙްމަދު މަހުލޫފް ވިދާޅުވީ، އޭނާ އެމްޑީޕީގައި ހުންނެވިއިރު ވެސް އެމްޑީޕީން ތިން އިންތިޚާބު އެކީ ބޭއްވުމަށް ތާއީދުކޮށް ވަކާލާތުކުރި ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުޑަކުރުމުގެ ނިޔަތުގައި ބޮޑު ތިން އިންތިޚާބު އެކީގައި ބޭއްވުމަށް އެމްޑީޕީގެ އެތެރޭގައި މީގެ ކުރިން ވަރަށް ބޮޑަށް މަޝްވަރާކުރެވިފައިވާ ކަމަށާއި އޭރު އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ މި ބަދަލު ގެނައުމަށް ފުރިހަމައަށް ތާއީދުކުރައްވާފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަހުލޫފް މިހެން ވިދާޅުވެފައި މިވަނީ، އިންތިޚާބުތައް އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނިކޮށެވެ. ދައުލަތުގެ މާލީ ބުރަ ކުޑަކުރުމަށް ސަރުކާރުން މި ފިޔަވަޅު އަޅަން ތައްޔާރުވަމުންދާއިރު، މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީން ދަނީ މި ބަދަލުގެ ސަބަބުން ޑިމޮކްރެސީގެ ހަމަތަކަށް ބުރޫއަރާނެކަމަށް ބުނެ، މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަމަވެސް މަހުލޫފްގެ މި ވާހަކަތަކާއެކު، އެމްޑީޕީގެ ކުރީގެ ސްޓޭންޑާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.