ހޮޅުދޫގައި ވޯކްޕާމިޓް މެޑިކަލްގެ ހިދުމަތް ފަށައިފި
ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި ވޯކްޕާމިޓް މެޑިކަލްގެ ހިދުމަތް ފަށައިފިއެވެ.
އެ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރޔ އަހުމަދު ހަމްދާން ނާސިރުވެ.
މިއީ ވޯކް ޕާމިޓް މެޑިކަލްގެ ހިދުމަތް ނ. އަތޮޅުގައި ފެށި ތިން ވަނަ ރަށެވެ. ހޮޅުދޫގެ އިތުރުން ދެން ނ، އަތޮޅުގައި ހިދުމަތް ފޯރުކޮށްދެނީ ވެލިދޫ އަދި މަނަދޫގައެވެ.
ހޮޅުދޫގެ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު މާއިޒް މުހައްމަދު "ދެން"އަށް ވިދާޅުވީ މެޑިކަލް ވޯކް ޕާމިޓްގެ ހިދުމަތް އެ ސިއްހީ މަރުކަޒުން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ލިބޭނެ ކަމަށެވެ. އަދި ޓެސްޓުތަކުގެ ނަތީޖާވެސް ޓެސްޓު ހަދާ ދުވަހު ލިބޭނެ ކަމަށް މާއިޒް ވިދާޅުވިއެވެ،
ނ. އަތޮޅަކީ ވަރަށް ގިނަ ރިސޯޓްތަކެއް ހިންގަމުންދާ ސަރަހައްދަކަށްވާތީ ހޮޅުދޫ ސިއްހީ މަރުކަޒުގައި އެ ހިދުމަތް ފެށުމުން ބޮޑެތި ފަސޭހަތަކެއް ބިދޭސީންނަށް ލިބިގެންދާނެ ކަމަށް ވެސް މާއިޒް ވިދާޅުވިއެވެ.