މާލެ ޓެކްސީ ލައިންގެ ޚިދުމަތް ރައީސް އިފްތިތާހުކުރައްވައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޓެކްސީ ލައިންގެ ޚިދުމަތް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެއް ބޭނުންކޮށްގެން ފޯރުކޮށްދޭ މި ޚިދުމަތަކީ ދުވާލުގެ 24 ގަޑިއިރު މެދުނުކެނޑި ލިބޭނެ ޚިދުމަތެއްކަމަށް، މި މަޝްރޫޢު ހިންގާ އެމްޓީސީސީން ހާމަކުރެއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ވަކި ޚާއްޞަ އަގުތަކެއްގައި ދޭން ފެށި މި ޚިދުމަތުގައި ޖުމްލަ 150 ކާރު ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ރިޢާޔަތްކޮށް ހަނި ގޯޅިތަކަށްވެސް ފަސޭހައިން ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާރުތަކަކީ އެއްފަހަރާ ތިން ފަސިންޖަރުންނާއި ކުދި ލަގެޖު އުފުލޭނެ ޖާގަ ހުންނަ އުޅަނދުތަކެކެވެ. މީގެ އިތުރުން، ފެންވަރު ރަނގަޅު މި އުޅަނދުތައް ބޭނުންކުރަން ފެށުމަކީ، ރާއްޖެއިން ކާބަން ފުޓްޕްރިންޓް މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ.