ހިތުގެ ބަލިތަކަށް ދެވޭ ކުއްލި ފަރުވާ، މާލެއިން ބޭރުން ފުރަތަމަ ފަހަރަށް އައްޑޫގައި ފަށައިފި
ސިއްޙީ ޚިދުމަތްތައް ލާމަރުކަޒުކޮށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލެ ސަރަޙައްދުން ބޭރުގައި ފުރަތަމަ ފަހަރަށް، ހާޓް އެޓޭކް ޖެހޭ މީހުންނަށް ވަގުތުން ދޭންޖެހޭ ފަރުވާކަމަށްވާ "ޕްރައިމަރީ ޕީސީއައި"އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކާމިޔާބުކަމާ އެކު ތަޢާރަފުކޮށްފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ހާމަކުރެއްވި ގޮތުގައި، މި އިންޤިލާބީ ބަދަލު ގެނެވިފައި ވަނީ ނެޝަނަލް ކާޑިއެކް ސެންޓަރާއި އޭއީއެޗް ގުޅިގެން މާރިޗު 31އިން އޭޕްރީލް 2ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތެއްގެ ތެރެއިންނެވެ. މި މުއްދަތުގެ ތެރޭގައި 11އެންޖިއޯގްރާމާއި 6އެންޖިއޯޕްލާސްޓީ ހަދައި، ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މުހިންމު ފަރުވާތައް ދީފައިވާއިރު، ހިތުގެ ވިންދު ހަމަޖެއްސުމަށް ބޭނުންކުރާ "އައިސީޑީ"އާއި "ޕާމަނަންޓް ޕޭސްމޭކަރު"ހަށިގަނޑަށް ލެއްވުމުގެ ޚިދުމަތް ވެސް ވަނީ އަލަށް ފަށާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް އެޅުނު މި ފިޔަވަޅަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވަމުން، ސީއީއޯ ވިދާޅުވީ މީގެ ސަބަބުން ކުއްލި ޙާލަތްތަކުގައި ބޮޑު ހޭދައެއް ކޮށްފައި މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ބަދަލުގައި، އަމިއްލަ ވަޒަނާ ގާތުން އިތުބާރު ހުރި ފަރުވާއެއް ލިބޭނެ މަގު މިހާރު ތަނަވަސްވެފައިވާ ކަމަށެވެ.