މާލީ ޒިންމާދާރުކަމުގެ ފުރިހަމަ މިސާލެއް ރައީސް ދައްކަވައިފިކަމަށް ޤާސިމް ވިދާޅުވެއްޖެ
ޖުމްހޫރީ ޕާޓީގެ ބާނީ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމް، ދިވެހިރާއްޖެއިން ދައްކަންޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ހަރުދަނާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.
ޤާސިމް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މާލީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިހާ ބޮޑު ދަރަންޏެއް އަދާކުރެވުމަކީ ރައީސްގެ ޤާބިލުކަމާއި ލީޑަރޝިޕްގެ ވަރުގަދަކަން ސާބިތުކޮށްދިން ކަމެކެވެ. މީގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެ، ބޭރުގެ އިންވެސްޓްމަންޓުތައް ގެނައުމަށް ފަހި މަގުތަކެއް ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ރައީސް ދައްކަވާ ސާބިތުކަމަށްޓަކައި ޤާސިމް ވަނީ އުފާފާޅުކުރައްވާފައެވެ.
ސުކޫކުގެ ފައިސާ ދައްކައި ނިންމިކަން ހާމަކޮށް މާލީ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުން، އަސްލު އަދަދާއި ފައިދާގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ހިމެނޭހެން ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައެވެ. އަދި މި ފައިސާ ދެއްކުމާ އެކު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ދައުލަތުން މި އަދާކުރި ސުކޫކަކީ މީގެ ކުރީގެ ސަރުކާރުން 2021ވަނަ އަހަރު ވިއްކާފައިވާ އެއްޗެކެވެ. އެއީ އޭގެ ކުރިން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ 'ސަނީ ސައިޑް ބޮންޑު' އަށް ފައިސާ ދެއްކުމުގެ ބޭނުމުގައި، ފައިސާ އަނބުރާ ދެއްކޭނެ އެކަށީގެންވާ ޕްލޭނެއް ނެތި އޭރުގެ މާލީ ބާޒާރުގެ ނިސްބަތުން ބޮޑު އަގެއްގައި ވިއްކާފައިވާ ސުކޫކެއްކަން މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.