ބިދޭސީ މީހާ މަރުވިއިރު އެކްސްކަވޭޓާ ޑްރައިވަރު އިނީ ފޯނުގައި: ފުލުހުން
ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ބަނގްލަދޭޝް މީހާގެ މައްސަލައިގައި ހައްޔަރުކުރި އެކްސްކަވޭޓަރު ޑުރައިވަރު، ބިދޭސީ މީހާ މަރުވިއިރު އިނީ ފޯނުގައިކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުގެ މެންދުރު ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން މަރުވީ އަމީން މިއާ, (24އ)އެވެ. އޭނާ ފެނުނީ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ.
އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހައްޔަރުކުރީ ލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ (32އ)އެވެ. އޭނާގެ ބަންދުގެ މުއްދަތު ކުރިން ތިން ފަހަރު އިތުރުކޮށްފައިވާ އިރު އިއްޔެ ވަނީ ބަންދަށް އިތުރު 20ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ފުލުހުންގެ ތަހުގީގީ ރިޕޯޓާ ހަވާލާދީ ބުނި ގޮތުގައި އެ ހާދިސާގައި ބިދޭސީ މީހާ ނިޔާވުމުގައި ހެޝަންގެ އިހުމާލެއް އޮތްކަމަށް ގަބޫލުކުރެވޭކަމަށާއ،ި އެކްސްކަވޭޓަރު ދުއްވަން އިރު އޭނާ ފޯނުގައި އިނދެ ދުއްވަމުން ދިޔަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އޭނާ މަސައްކަތުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރީކަމަށާއ،ި އެކަން ކަން ކުރުމުގައި ފަރުވާކުޑަކޮށްފައި ނުވާކަމަށާއ،ި އިތުރު މީހުން އުސޫލުތަކާއި ހިލާފުވުމުން އެކަމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެކަމަށް ދިފާއުން ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ހެޝަންއަކީ ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ކަމަށާއި އެ ހާދިސާ ހިނގިފަހުން ރާއްޖެއިން ފިލައިގެން ދާން އުޅުނުކަމަށް ވެސް ފުލުހުން ކުރިން ކޯޓުގައި ބުނެފައިވެއެވެ.