އެމްޑީޕީގެ ތެރޭގައި އިތުރު ބައިބައިވުމަކަށް ޖާގަ ނުދިނުމަށް ޝާހިދު ގޮވާލައްވައިފި
މާޒީގައި ކުރިމަތިވި ނާކާމިޔާބީން އިބްރަތް ހާސިލުކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އަލުން ބައިބައިވުން އުފެދުމަށް އެއްވެސް މިންވަރެއްގެ ޖާގައެއް ނުދިނުމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މެމްބަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ޝާހިދު މިފަދައިން ގޮވާލައްވާފައި ވަނީ، ފަހުން ހޯދި އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތަޤުރީރުކުރެއްވުމުގެ ފުރުސަތު ނޭރުވުމަށް ނިންމުމާ ގުޅިގެން، އާންމު މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެކަމަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އާންމު މެމްބަރުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، އެ ފަރާތްތަކުގެ އެންމެ ބޮޑު އުންމީދަކީ ވެސް އެކުވެރިކަމާ އެކު ޕާޓީ ކުރިއަށްދިޔުން ކަމަށެވެ.
މި މައްސަލައިގައި ޝާހިދު ދެކެވަޑައިގަންނަވާ ގޮތުގައި، ޕާޓީއަށް ވޯޓުދިން ރައްޔިތުންނާއި ސަޕޯޓަރުންގެ ފުރިހަމަ އިތުބާރު ދެމެހެއްޓޭނެ ހަމައެކަނި ގޮތަކީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން ރައީސް ނަޝީދު ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވުމެވެ.
ކުރިން ލިބުނު ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަނެއްކާވެސް އެފަދަ "ބޮނޑިއެއް ބޯން" ބޭނުންފުޅުނުވާކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ އެ ހިތި ތަޖުރިބާ ތަކުރާރުވިޔަ ނުދިނުމަށް އެދިވަޑައިގެންފައެވެ. އޭނާ އެ އިޝާރާތްކުރައް ވަނީ، މީގެ ކުރިން ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑެތި މައްސަލަތަކުގެ ސަބަބުން އެމްޑީޕީ ދެކަފިވެ، 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުން ދިމާވި ނާކާމިޔާބީއަށެވެ. އެ ބައިބައިވުމުގެ ނަތީޖާއަކަށްވީ، އެންމެ ފަހުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވެ، ވެރިކަމުގެ ދެވަނަ ދައުރެއް ގެއްލިގެން ދިޔުމެވެ.