ޚަބަރު

މަހިބަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އދ. މަހިބަދޫގައި ފުލުހުން މި ހިނގާ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މަހިބަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރޭގައި އެ ރަށު ތެރެއިން މި ދެ މީހުން ހުއްޓުވައި ހަށިގަނޑު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 52 ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާއިރު، މައްސަލައިގައި ދެން ހިމެނޭ ލ. މާމެންދޫ، ޗޮންޗޮންގެ، އުމުރުން 49 އަހަރުގެ ޢަލީ ނަސީމް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި 10 ދުވަހުގެ މުއްދަތެއް ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންނެވެ.

Ads by Allied Insurance