ޚަބަރު

ތެލާއި ބޭހާއި ކާބޯތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކުރިއެރުންތައް ލިބިއްޖެ: ސަރުކާރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކުރައްމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

Ads by Allied

އެމެރިކާއާއި އިސްރާއިލު އިސްވެ އޮވެ އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި ކާބޯތަކެތީގެ އަގުވެސް ވަނީ އުފުލިފަ އެވެ. އެހެންވެ އެ މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއަރާ އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ހަނގުރާމައިގެ ހާލަތު ގާތުން ވިލަރެސްކޮށް އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނޭ އަސަރުތަކަށް، ދިވެހި ސަރުކާރުން ތައްޔާރުވަމުންގެންދާ ކަމަށެވެ.

އެގޮތުން އަސާސީ ހިދުމަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އާންމުކޮށް ގެންނަ ބާޒާރުތަކުން ލިބުން ދަތިވެއްޖެ ހާލަތެއްގައި ދެން އެ ތަކެތި ގެނެވިދާނޭ ބާޒާރުތައް ހޯދައި، އެ ފަރާތްތަކާއެކު، ރާއްޖޭގެ ކަމާބަހޭ ފަރާތްތަކުން މަޝްވަރާކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކޮމިޓީގައި އިންނަވާ އިކޮނޮމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދު ވިދާޅުވީ އަސާސީ 164ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މޮނިޓާ ކުރަމުން ގެންދާ ކަމަށާއި އަދި މިހާތަނަށްވެސް، އެއްވެސް އަސާސީ ބާވަތެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެލް.ޕީ.ޖީ ނުވަތަ ކައްކާ ގޭހުގެ ހިދުމަތްދޭ ވިލާ ގޭހުން، ގޭހުގެ އަގުބޮޑުކުރުމަށް ނިންމި ނިންމުން އެނގިވަޑައިގެންނެވި ހިސާބުން، އެކުންފުންޏާއި އެސްޓީއޯ އާއެކު ފަންނީ މަޝްވަރާކޮށް އެކަމަށް ހައްލެއް ހޯދުމާމެދު ނިންމާ ގޮތެއް، ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވީ  ކަރަންޓުގެ ޓެރިފް ބޮޑުކުރެއްވުމުގެ ވިސްނުމެއް އަދި ނެތްކަމަށެވެ. އަދި ފަތުރުވެރިކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހަނގުރާމައިގެ މި ހާލަތުގައިވެސް ރާއްޖޭގެ ޑިމާންޑް ދަށް ނުވާކަމަށެވެ. އެގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު، މިދިޔަ މަމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ނިސްބަތުން ދަށް ކަމުގައިވީނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ސީޓް އޮކިއުޕަންސީ އިތުރުވަމުންދާކަމީ ހެޔޮ ފާލެއްކަމުގައި ތޯރިގު ވިދާޅުވިއެވެ.

Ads by Allied Insurance