ޚަބަރު

މެންބަރު ސިނާންގެ ގޮނޑީގެ މައްސަލައިގެ ހުކުމް އިއްވުން އާދިއްތަ ދުވަހަށް ތާވަލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ބުނާ މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، ސުޕްރީމް ކޯޓުން ކުރިއަށްގެންދާ ޝަރީއަތުގެ ހުކުމް އިއްވުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

Ads by Allied

މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލުމަށް ފަހު ކޯޓުން މިހާރު އޮތީ ހުކުމާ ހަމައަށް ވާސިލުވެފައެވެ. މި މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެކެވެ. އެ މައްސަލަ ރައްދު ވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 2.5 މިލިއަން ރުފިޔާގެ ލޯނެއް ދައްކަން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ އެ ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހެކެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި މި ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ޝުޖޫނެވެ.

މެންބަރު ސިނާނަކީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރެކެވެ. ދިވެހިރާއްޖޭގެ ޤާނޫން އަސާސީގައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެ، ކޯޓަކުން އިއްވާ ހުކުމަކާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، އެ މެންބަރެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

Ads by Allied Insurance