ޚަބަރު

ވަޒީރުން އިސްތިއުފާ ދިނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ފުރުޞަތު ދެއްވުމަށް: ސަރުކާރު

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ދިވެހިރާއްޖޭގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު މަޤާމުން އިސްތިޢުފާ ހުށަހަޅުއްވައިފިއެވެ.

Ads by Allied

ވަޒީރުންގެ މަޖިލީހުގެ 10 މެމްބަރަކު އެއްފަހަރާ އިސްތިޢުފާ ހުށަހަޅުއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެ ބޭފުޅުންގެ އިސްތިޢުފާ ޤަބޫލުފުޅުކުރައްވާފައެވެ. ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި މި ބޭފުޅުން މަޤާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ، ސީދާ ރައްޔިތުންގެ އުންމީދުތަކާއި ވިންދާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި ގެންނަވަންޖެހޭ މުހިންމު ބަދަލުތައް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފަހިކޮށްދެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ. މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމަށާއި ސަރުކާރަށް އަދި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު އަދާކުރައްވާފައެވެ.

މިއަދު މަޤާމުން އިސްތިޢުފާ ދެއްވި ވަޒީރުންގެ ތެރޭގައި ސަރުކާރުގެ ވަރަށް މުހިންމު ވުޒާރާތަކެއް ހިންގަވަމުން ގެންދެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އިސްތިޢުފާ ދެއްވި 10 ވަޒީރުންނަކީ:

1. މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޣައްސާން މައުމޫން
2. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް
3. މިނިސްޓަރ އޮފް ހެލްތްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ނާޡިމް އިބްރާހީމް
4. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުގައި ހުންނެވި ޠާރިޤު އިބްރާހީމް
5. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢާއިޝަތު ޝިހާމް
6. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައި ހުންނެވި އާދަމް ނަޞީރު އިބްރާހީމް
7. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މަރްޔަމް މާރިޔާ
8. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުގައި ހުންނެވި އިބްރާހީމް ވަޙީދު
9. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފު ޢުމަރު
10. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު

މި ބޭފުޅުން މަޤާމުން އިސްތިޢުފާ ދެއްވުމަކީ، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިވެހި ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ނިންމުމަށް އިސްކަންދެއްވާނެކަމަށް ސަރުކާރުން އަބަދުވެސް ވަކާލާތުކުރަމުން އަންނައިރު، ކެބިނެޓަށް މިއައި ބޮޑު ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

މި 10 ވަޒީރުންގެ އިސްތިޢުފާއާއެކު، ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ވަނީ ޔަޤީންވެފައެވެ. އަދި ހުސްވި މަޤާމުތަކަށް އައު ބޭފުޅުން ޢައްޔަންކުރުމުގެ މަސައްކަތް ނުވަތަ ވުޒާރާތަކަށް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ގަސްތުކުރައްވާ ބަދަލުތަކުގެ ތަފްޞީލުތައް ކުރިއަށް އޮތް ތަނުގައި ހާމަވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ސަރުކާރުގެ އޮނިގަނޑު ބައްޓަންކުރުމަކީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރިއަށްގެންދާނެ އެއް މަސައްކަތެވެ.

Ads by Allied Insurance