އަތޮޅު ކައުންސިލްތަކުގެ ބާރުތައް އެލްޖީއޭއަށް: އިދާރީ ހިންގުމަށް ބުރޫނާރާނެކަމުގެ ޔަޤީންކަން ދީފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އުވާލުމަކުން އިދާރީ ހިންގުމަކަށް ބުރޫނާރާނެ ކަމުގެ ޔަޤީންކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ދީފިއެވެ.
އެލްޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17ވަނަ އިސްލާހުގެ މަޤުސަދަކީ އަތޮޅު ކައުންސިލްތައް އުވާލައި، އެ އިދާރާތަކުން ކުރަމުން އައި އެންމެހައި ކަންކަން އެލްޖީއޭގެ ބެލުމުގެ ދަށަށް ގެނައުމެވެ. އެގޮތުން ރަށު އަދި ސިޓީ ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނީ ގޮތުން މިހާރު އެ އޮތޯރިޓީގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
އަތޮޅު ކައުންސިލްތަކުގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ މުދަލާއި، ފައިސާއާއި، އެހެނިހެން ވަސީލަތްތައް ވެސް ޤާނޫނުގެ ދަށުން ސީދާ އެލްޖީއޭއަށް ނަގްލުވެގެންދާނެއެވެ. މީގެ އިތުރުން، އަތޮޅު ފެންވަރުގައި ޚިދުމަތް ދިނުމަށްޓަކައި އެލްޖީއޭގެ ގޮފިތައް އަތޮޅުތަކުގައި ޤާއިމުކުރުމުގެ ބާރު ވެސް މި އިސްލާހުން އެ އޮތޯރިޓީއަށް ލިބިދެއެވެ.
ބައެއް މީޑިއާތަކާއި މީސްމީޑިއާގައި ވުޒާރާ އުވާލުމުން ނިޒާމީ މައްސަލަތަކެއް ނުކުމެދާނެކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަށް އިޝާރާތްކޮށް އެލްޖީއޭއިން ބުނީ، ޤާނޫނުއަސާސީ އާއި ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި، ލާމަރުކަޒީ ނިޒާމު ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމުގެ ޔަޤީންކަން އެ އިދާރާއިން ވަނީ ދީފައެވެ.