ޚަބަރު

ދުނިޔޭގެ ބޮޑެތި އެއަރލައިންތަކަކުން ރާއްޖެއަށް މިއަދު ކުރަން އޮތް ގިނަ ދަތުރުތަކެއް ކެންސަލްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން، އެ ސަރަޙައްދުގެ މަޝްހޫރު ގިނަ އެއަރލައިންތަކަކުން ދިވެހިރާއްޖެއަށް މިއަދު ކުރަން ހަމަޖެހިފައި އޮތް ގިނަ ފްލައިޓުތަކެއް ކެންސަލްކޮށް، ބޮޑު އަދަދެއްގެ ފަތުރުވެރިންނަށް އޭގެ ނޭދެވޭ އަސަރުކޮށްފިއެވެ.

Ads by Allied

އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤު އާންމުކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިގޮތަށް ދަތުރުތައް ހުއްޓާލި ކުންފުނިތަކުގެ ތެރޭގައި އެމިރޭޓްސް، ފްލައި ދުބާއީ، ޤަތަރު އެއަރވޭސްގެ އިތުރުން އިއްތިހާދު އެއަރވޭސް، ގަލްފް އެއަރ އަދި އެއަރ އެރޭބިއާ ފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މި ބަދަލާއެކު މިއަދު އެކަނި ވެސް 4،000އަށްވުރެ ގިނަ ގޮނޑި ގެއްލިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު ކެންސަލްކުރި ދަތުރުތަކުގެ ތެރޭގައި އެންމެ ގިނައީ ފްލައި ދުބާއީގެ 5ދަތުރެވެ. ދެން ހިމެނެނީ އެމިރޭޓްސް އާއި ޤަތަރު އެއަރވޭސްއިން ކުރެ ކޮންމެ އެއަރލައިނެއްގެ 3ދަތުރާއި، އެއަރ އެރޭބިއާ އަދި ގަލްފް އެއަރގެ 2ދަތުރުގެ އިތުރުން އިއްތިހާދުގެ އެއް ދަތުރެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން އަންނަނީ ފަތުރުވެރިން ގެނައުމަށް އައު މަގުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ތަފާތު އެހެން ރޫޓުތައް މެދުވެރިކޮށް ރާއްޖެއަށް މީހުން ގެނައުމަށާއި، އައު އެއަރލައިންތައް ރާއްޖެއަށް ތަޢާރަފުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance