ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު: ފުރަތަމަ ގަޑިއިރުގެ ތެރޭގައި 10.8 އިންސައްތަ މީހުން ވޯޓުލައިފި
ރާއްޖޭގެ ފަސް ދާއިރާއެއްގައި މިއަދު ހެނދުނު ފެށި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދެވަނަ ބުރުގެ އިންތިޚާބުގެ ފުރަތަމަ ގަޑިއިރު ނިމުނުއިރު، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 10.8 އިންސައްތަ މީހުން ވޯޓުލާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ 60 މިނެޓުގެ ތެރޭގައި 658 ރައްޔިތުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 428 ފިރިހެނުންނާއި 230 އަންހެނުންނެވެ. މި ފަސް ދާއިރާގައި ވޯޓުލުމަށް ޖުމްލަ 6،093މީހުން ރަޖިސްޓަރީކޮށްފައިވާއިރު، ކޮމިޝަނުން ވަނީ 6،172 ވޯޓު ކަރުދާސް މި އިންތިޚާބަށް ޚާއްޞަކޮށްގެން ޗާޕުކޮށްފައެވެ.
މި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މާލެއާއި އަތޮޅުތެރެ ހިމެނޭހެން ޖުމްލަ 14 ވޯޓުފޮއްޓެއް ވަނީ ބަހައްޓާފައެވެ. ރަށްރަށުގައި ބަހައްޓާފައިވާ ފޮށިތަކަށް ބަލާއިރު، ދޮންފަނާއި ނޭކުރެންދޫގައި ކޮންމެ ރަށެއްގައި އެއް ފޮށި، އަދި އަނެއް ތިން ރަށުގައި ކޮންމެ ރަށެއްގައި ދެ ފޮށި ވަނީ ބަހައްޓާފައެވެ.
މާލޭގައި ދިރިއުޅޭ މި ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމަށް މާލޭގައި ޖުމްލަ 6 ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން، ކެލާ އަދި ދޮންފަނު ރައްޔިތުންނަށް ތާޖުއްދީން ސްކޫލުގައި ވޯޓުލެވޭގޮތަށް ހަމަޖައްސާފައިވާއިރު، ނޭކުރެންދޫ އަދި މާވަށު މީހުންނަށް ވޯޓުލުމަށް ހިރިޔާ ސްކޫލުގައި ވަނީ ފޮށި ބަހައްޓާފައެވެ. އަދި ފުވައްމުލަކު ދަޑިމަގު ދާއިރާގެ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ ދަރުމަވަންތަ ސްކޫލުގައެވެ.