ޚަބަރު

މާލެ ޓެކްސީ ލައިންގެ ދަތުރުތަކަށް ފީ ނަގަން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ދާދިފަހުން ތަޢާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ހިލޭ ދަތުރުތައް ނިންމާލުމަށްފަހު، ކަނޑައެޅިފައިވާ ރަސްމީ ރޭޓުތަކުގައި މިއަދުން ފެށިގެން ފައިސާ ނަގަން ފަށައިފިއެވެ.

Ads by Allied

ދައުލަތުގެ ދަތުރުފަތުރުގެ ކުންފުނިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ޚާއްޞަ ވެބް އެޕްލިކޭޝަން މެދުވެރިކޮށް އަދި 1655 ކޯލް ސެންޓަރު ނަންބަރާ ގުޅައިގެންވެސް ކާރު ހަމަޖެއްސޭނެ އިންތިޒާމު މިހާރުވަނީ ފަހިކޮށްދީފައެވެ. އަދި ދަތުރުތަކަށް އުޖޫރަ ނަގަމުންދާނީ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށްކަމަށްވެސް އެ ފަރާތުން ކަށަވަރުކޮށްދެއެވެ.

މި ހިނގާ މަހުގެ ދެވަނަ ދުވަހު ރަސްމީކޮށް ފެށި މި ޚިދުމަތް، މިހާތަނަށް އާންމުންނަށް ފޯރުކޮށްދެމުން އައީ އެއްވެސް އަގެއް ނުނަގައެވެ. އޭގެ މައިގަނޑު ސަބަބެއްކަމުގައި އެމްޓީސީސީން ބަޔާންކޮށްފައިވަނީ، ޚިދުމަތުގެ ފެންވަރު ވަޒަންކުރުމާއެކު، އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމެއްގެ މަތިން، ވެރިރަށް މާލޭގައި ޓެކްސީ ލިބުމުގައި އޮތް ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް ފަރުމާކުރި މި މަޝްރޫޢުގެ ދަށުން ޖުމްލަ 150 ކާރު އޮޕަރޭޓްކުރާނެއެވެ. ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް (އީވީ) ބޭނުންކޮށްގެން ދުވާލަކު 24 ގަޑިއިރު ދޭ މި ޚިދުމަތުގައި، މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭވަރުގެ ކުދި ކާރުތަކުން ފެށިގެން ގޮސް ގިނަ އަދަދެއްގެ މުދާ އެރުވޭވަރުގެ ބޮޑެތި އުޅަނދުތައް ހިމެނޭހެން ތިން ގިންތިއެއްގެ ވެހިކަލް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!