ތުއްތު ކުދިންނަށް ދޭ 'ހިޕް' ބްރޭންޑުގެ ކާނާގައި ވިހައެއް، ބޭނުންނުކުރުމަށް އަންގައިފި
ޖަރުމަނުގެ 'ހިޕް' ކުންފުނިން އުފައްދާ ތުއްތު ކުދިންގެ ކާނާގައި ނުރައްކާތެރި ވިހަ މާއްދާއެއް އެކުލެވިފައިވާކަމަށް ބެލެވޭތީ، އެ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އޮސްޓްރިއާގެ ފިހާރަތަކުގައި ވިއްކަން ހުރި މި މަރުކާގެ އުފެއްދުންތަކުގައި ރޮޑެންޓްސައިޑް ނަމަކަށް ކިޔާ ވިހައެއް ހުރިކަމަށް ޝައްކުކުރެވިގެން، އުފެއްދުންތެރި ފަރާތުން މިހާރު ވަނީ ބާޒާރުން އެ ތަކެތި އަނބުރާ ނަގާފައެވެ. އަދި އޮސްޓްރިއާގެ ފުލުހުން ދަނީ މި ނުރައްކާތެރި މައްސަލަ ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ތަހުގީގުކުރަމުންނެވެ.
އެމްއެފްޑީއޭއިން ނެރުނު ރައްކާތެރިކަމުގެ އެލާޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ވިއްކާ ބާވަތަކަށް ނުވި ނަމަވެސް، އަމިއްލަ ބޭނުމަށް ބައެއް ފަރާތްތަކުން މި އުފެއްދުންތައް ރާއްޖެއަށް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ސިއްހީ ގޮތުން ދިމާވެދާނެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، 'ހިޕް' މަރުކާގެ އެއްވެސް ކާނާއެއް އެތެރެނުކުރުމަށާއި، ނުވިއްކުމުގެ އިތުރުން އެއްގޮތަކަށް ވެސް ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ ހަރުކަށި އިރުޝާދު ދެއްވާފައެވެ.