ލިޓޮން މަރާލިކަމުގެ ކުށް ނިޒާމުގެ މައްޗަށް ސާބިތުވެ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި
ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ލިޓޮން މަރާލިކަމުގެ ކުށް އެ ބޯޓުގައި މަސައްކަތްކުރި ދިވެއްސެއް ކަމަށްވާ މުހައްމަދު ނިޒާމްގެ މައްޗަށް ސާބިތުވެ ނިޒާމު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ނިޒާމް ލިޓޮން މަރައިލީ، ލިޓޮން ގެންގުޅުނު ބައިލައްކަ ރުފިޔާ ވަގަށް ނެގުމަށް ފަހު އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް ކޮއްޕައި ވައްޓާލައިގެން ނެވެ.
އެ މައްސަލައިގައި 2023 ވަނަ އަހަރު ނިޒާމްގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ގަސްދުގައި މީހަކު މެރިކަމުގެ ކުށް ނިޒާމުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ. އަދި ނިޒާމް އުމުރަށް ޖަލަށް ލާން ވަނީ ހުކުމްވެސް ކޮށްފަ އެވެ. އެއީ 25 އަހަރު ދުވަހެވެ.
ނަމަވެސް ނިޒާމު ޖަލުގައި މިހާތަނަށް ހޭދަކުރި ދުވަސްތައް ހުުކުމުގެ މުއްދަތުން ކެނޑޭނެ އެވެ.