ޚަބަރު

ކޮރަޕްޝަން ހުއްޓުވަން އަމާޒުހިފައި އޭސީސީއިން ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޭސީސީގެ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުން--

ކޮރަޕްޝަން ހުއްޓުވަން އަމާޒުހިފައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ފަސް އަހަރުގެ ސްޓެރެޓެޖިކް ޕްލޭނެއް އެކުލަވާލައިފި އެވެ.

Ads by Allied

މިއަދު އޭސީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްޓެރެޓެޖިކް ޕްލޭން ވަނީ އިފްތިތާހުވެސްކޮށްފަ އެވެ.

އޭސީސީން ބުނީ އެ ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ، އެ ސްޓްރެޓީޖިކް ޕްލޭން ބަހާލައިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ

  • ގަވާނަންސް އަދި އިދާރީ ތަރައްގީ
  • އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ހާސިލްކުރުން
  • ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން
  • ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވާނަންސް ހަރުދަނާކުރުން
  • ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން

އޭސީސީން ބުނީ އެ ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. އެގޮތުން އިންސާފުވެރި އިންތިހާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން ޕްލޭންގައި ހިމަނާފައިވާ ކަމަށް ބުންޏެވެ.

އޭސީސީން ބުނީ އެ ޕްލޭންގެ ދަށުން އިދާރީ ގޮތުން ކޮމިޝަން ހަރުދަނާކުރުމަށްޓަކައި ގާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް ރޭވައިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށްވެސް ނިންމާފައިވާ ކަމަށް ބުންޏެވެ.

"މީގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މަޢުލޫމާތު ދިނުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް މި ޕްލޭންގައި އިސްކަންދީފައިވާނެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފައެވެ." އޭސީސީން ބުންޏެވެ.

Ads by Allied Insurance