ޚަބަރު

ރަސްމާލޭގެ 50 ޕަސެންޓްއަށް ވުރެ ބޮޑު ބައެއް ހިއްކައި ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރަސްމާލެ މަޝްރޫއު އިފްތިތާހު ކުރުމުގެ ތެރެއިން/ ފޮޓޯ: ރައިސް އޮފީސް

މާލެ ކައިރީގައި އޮންނަ ފުށި ދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 50ޕަސެންޓްއަށް ވުރެ ބޮޑު ބައެއް ހިއްކައި ނިންމައިފިއެވެ.

Ads by Allied

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަސްމާލެއިން އަދި ހިއްކުނީ 504ހެކްޓަރު ކަމަށެވެ.

މިއީ ގާތްގަނޑަށް ހުޅުމާލޭގެ ދެފޭސްއާ އެއްވަރުގެ ބިމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ބާކީ ބައި ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ޓައިމްލައިންއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ހުޅުވާލައިފައިވާ އެޕްލިކޭޟަން ޕްރޮސެސް ނިމި ފަރާތްތައް ހޮވެންވާއިރަށް އިރާދަކުރެއްވިއްޔާ ބިންތައް ހިއްކާ ނިންމާ އަޅުގަނޑުމެންނަށް އެ ފަރާތްތައް ކަނޑައަޅައި ހަވާލުކުރެވެންވާވަރަށް ގެންދެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ މަޝްރޫއުގެ ދަށުން 1153ހެކްޓަރު ހިއްކަން ވަނީ ނިންމައިފައެވެ. އަދި އެތަނުގައި ބިނާކުރާ ފްލެޓުތަކަށާއި އަދި ދޫކުރާ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފައެވެ.

Ads by Allied Insurance