ތިން އަތޮޅެއްގައި ފެނަކައިން ދެމުންދިޔަ ކަރަންޓުގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި
ތިން އަތޮޅެއްގައި ފެނަކައިން ދެމުންދިޔަ ކަރަންޓުގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.
ސްޓެލްކޯއިން ހަވާލުވީ ބ، ޅ އަދި މ އަތޮޅުގައި ހިމެނޭ 25ރަށުގެ ކަރަންޓުގެ ހިދުމަތާއެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ފެނަކައާއެކު ސޮއިވެސްކޮށްފައެވެ.
އެ ތިން އަތޮޅުގައި ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވުމުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު 61ރަށަށް ފުޅާވެގެންދާނެއެވެ.
ސްޓެލްކޯއިން މިހާރު ވެސް ދަނީ ގްރޭޓާ މާލެ، ކ، އއ، އދ، އަދި ވ. އަތޮޅުގެ ރަށްތަކަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ސްޓެލްކޯއިން ތިން އަތޮޅެއްގެ ކަރަންޓުގެ ހިދުމަތާ ހަވާލުވި އިރު ފެނަކައިގެ މާލީ ހަލާތު ފާއިތުވި އަހަރުތަކުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ.
ބެލެވޭ ގޮތުން އިއްޔެ ތިން އަތޮޅެއްގެ ކަރަންޓުގެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރީ ވެސް ސަރުކާރުގެ ކުންފުނިތައް ރިފޯމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.
ސަރުކާރުން މިހާރު ވަނީ ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ 33ޕަސެންޓް މުވައްޒަފުން މަދުކުރަން ވެސް ނިންމައިފައެވެ.