ޚަބަރު

ފަތުރުވެރިންނަށް ފަސޭހައިން ވިސާގެ މުއްދަތު އިތުރުކުރެވޭ ގޮތް ހަދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މީގެ ކުރިން ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި/ ފޮޓޯ: ދެން

ފަތުރުވެރިންނަށް ފަސޭހައިން ވިސާގެ މުއްދަތު އިތުރުކުރެވޭ ގޮތް ހަދައިފިއެވެ.

Ads by Allied

އިމިގްރޭޝަންއިން މިއަދު ބުނީ މިއީ އެ އިދާރާއިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށްޓަކައި "މޯލްޑިވްސް 2.0"އިނީޝިއޭޓިވްގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި އާ އުސޫލުގެ ދަށުން، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް ވިސާ އަށް އެދޭއިރު އަލުން ފުރާކަށް ނުޖެހޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެއާއެކު ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑުތައް ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރިގެންދާނެތީ، ވިސާ އަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށްވުރެ އަވަސްވެފައި ފަސޭހަވާނެކަން އިމިގްރޭޝަންއިން ފާހަގަކުރިއެވެ.

"ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް "އިމުގާ"ޕޯޓަލް މެދުވެރިކޮށް އެ ޚިދުމަތަށް އެދި ހުށަހެޅޭނެއެވެ. ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ ފަރާތެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދައިދޭނެއެވެ. މީގެ އިތުރުން، ފާއިތުވި 12މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެއެވެ."އިމިގްރޭޝަންއިން ބުންޏެވެ.

ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ޕާސްޕޯޓު އައުކޮށްފައިވާ ނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާ ފަދަ ހާއްސަ ހާލަތްތަކުގައި ކަމަށް އިމިގްރޭޝަންއިން ބުންޏެވެ. އަދި ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަދާހަމަ ކުރެވޭނެކަމަށް އެ އިދާރާއިން ބުންޏެވެ.

އޭގެ އިތުރުން ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު މިހާރު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށާއި އެގޮތުން ވިސާ މުއްދަތު އިތުރުކުރުމުގެ ހިދުމަތް 48ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެ ކަމަށް އިމިގްރޭޝަންއިން ބުންޏެވެ.

Ads by Allied Insurance