ޚަބަރު

މާރިޗު މަހަކީ އެންމެ ހޫނުގަދަ މަސް، ކަރަންޓު ބިލްތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ: ފެނަކަ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްވަރުގައި ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެފައިވާތީ އާންމުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން، ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި، ގަވާއިދާ ޚިލާފަށް އެއްވެސް ބިލަކަށް ބަދަލު ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން ދީފިއެވެ.

Ads by Allied

އެ ކުންފުނިން ހާމަކުރި ގޮތުގައި، ނިމިދިޔަ މާރިޗު މަހު ވެސް ކަރަންޓު މީޓަރުތަކުގެ ރީޑިންގ ނަގައި، ބިލްތައް ހަދާފައި ވަނީ އެހެނިހެން މަސްތަކެކޭ އެއްފަދައިން، ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކުގެ މަތިންނެވެ. އަދި އާންމުކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، އެއްވެސް ކަސްޓަމަރެއްގެ ބިލަށް ނޭނގި އުނިއިތުރެއް ގެނެސްފައި ނުވާނެކަން އެ ފަރާތުން ކަށަވަރުކޮށްދެއެވެ.

މީގެ އިތުރުން، ބިލްގައިވާ އަދަދުތަކާ މެދު ޝައްކު އުފެދޭނަމަ ނުވަތަ މައްސަލައެއް އުޅޭކަމަށް ގަބޫލުކުރެވޭ ނަމަ، އަލުން ރީޑިންގ ޗެކްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެކަމުގައި ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ފެނަކައިގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް މާރިޗު މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު އާލާތްތައް ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެއެވެ. އެހެންކަމުން، މި ދުވަސްވަރު ކަރަންޓު އިގުތިސާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މީގެ އިތުރުން، ގަދަ ހޫނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެހެނިހެން އިދާރާތަކުން ވެސް ދަނީ ކެނޑިނޭޅި އިރުޝާދު ދެމުންނެވެ.

Ads by Allied Insurance