ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މާފަރު / އަނޫޝާހައުސް، ޢަލީ ފައިޞަލް (36އ) އާއި ހއ. އުތީމު / ރޭނިގެ، މުޙައްމަދު ރާމިޒް (27އ) ކަމަށެވެ.

މި ދެ މީހުންގެ ތެރެއިން މުޙައްމަދު ރާމިޒް ހައްޔަރުކޮށްފައި ވަނީ ނ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އެޕްރީލް 29ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރިސޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅު ފެނިފައިވެއެވެ.

ޢަލީ ފައިޞަލް ހައްޔަރުކޮށްފައި ވަނީ މާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މާފަރު ޕޮލިހާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. އެޕްރީލް 28ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، މާފަރު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 122.44 ގުރާމެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށް ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance