އެއާޕޯޓް އަޅަން މިލަންދޫގައި ފެށި ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
އެއާޕޯޓް އަޅަން ށ. މިލަންދޫގައި ފެށި ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މިލަންދޫގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އޭރު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިރު އެމަނިކުފާނު އޭރު ވިދާޅުވީ އަށް މަސް ތެރޭ ބިން ހިއްކާ ނިމެނޭ ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު ވިދާޅުވީ ރައީސް ވިދާޅުވި ތާރީހަށް ވެސް ކުރިން މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ނިންމާލައިފައިވާ ކަމަށެވެ.
އެހެންވެ މި ސަރުކާރަކީ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދައި، ހަލުވި ދުވެލީގައި ނަތީޖާ ނެރެދޭނެ ސަރުކާރެއްކަމުގެ ސާފު ހެއްކެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން 25.90 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.
މިދިޔަ އޮގަސްޓު މަހު ރައީސް ވިދާޅުވި ގޮތުގައި މިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމައި، އެއާޕޯޓު އޮޕަރޭޝަނަށް ގެންނާނެއެވެ.