ހެކި ނެތްކަމަށް ބުނެ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކިކަމަށް ތުހުމަތުކުރެވުނު މީހާ ދޫކޮށްލައިފި
ހެކި ނެތްކަމަށް ބުނެ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކިކަމަށް ތުހުމަތުކުރެވުނު މީހާ ދޫކޮށްލައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހު ކުރީކޮޅު ހައްޔަރުކުރީ މޫނިމާގެ / ތ.ވިލުފުށި، އާދަމް އަދްލާން ލަތީފް (22އ) ކަމަށެވެ. އަދި އެ މައްސަލައިގައި އޭރު އޭނާ ބަންދުގެ މުއްދަތުވެސް ޖެހި އެވެ.
ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެކަށީގެންވާ ހެކި ފުލުހުން އަދްލާންއާ ދެކޮޅަށް ހުށަހަޅާފައި ނެތް ކަމަށް ބުނެ އޭނާ ދޫކޮށްލައިފަ އެވެ. ނަމަވެސް އެއީ އަދްލާންގެ ޕާސްޕޯޓު ހިފަހައްޓާ އަދި ހުއްދަ ނެތި ރަށުން ބޭރަށް ނުދެވޭ ގޮތަށް ޝަރުތުކުރުމަށް ފަހު އެވެ.
އާދަމް އަދްލާން ލަތީފް ހައްޔަކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، އެ ވޮލެޓުން އޭނާގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުމާ ގުޅިގެންނެވެ.
އެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ވަނީ ފެނިފައެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންނެވެ.