ސްރީލަންކާގެ މާކެޓަށް މިފްކޯގެ އުފެއްދުންތައް ރަސްމީކޮށް ނެރެ، ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވާލައިފި
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުކޮށް ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިފްކޯގެ މަހުގެ ބާވަތްތައް ސްރީލަންކާގެ މާކެޓަށް ރަސްމީކޮށް މިއަދު ތަޢާރަފުކޮށްފިއެވެ.
މި ތާރީޚީ ހަފްލާގައި، "ފަސްމީރު" ބްރޭންޑްގެ ދަޅުމަހާއި، ވަޅޯމަސް، ރިހާކުރު އަދި ބަންދުކޮށްފައިވާ މުގުރި މަސް ފަދަ އުފެއްދުންތައް ލަންކާގެ ބާޒާރަށް ނެރެދެއްވީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ ވިޔަފާރިއާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ވަޒީރު ވަސަންތާ ސަމަރަސިންގެ އާއި އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކަނޑުގެ އުފެއްދުންތަކުން ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ޚާއްޞަ ޤައުމީ ބްރޭންޑެއް ނެރެފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން، ރާއްޖޭގައި މަސް ބަންދުކުރުމާއި، ޕްރޮސެސްކުރުން އަދި ފިނިކޮށް ރައްކާކުރުމުގެ ޤާބިލުކަން އިތުރުވެ، ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުގައި ފައިތިލަ ސާބިތުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.