ޚަބަރު

އެސްޓީއޯގެ ބޭސްފިހާރަތަކާއި މެޑިކަލް ސަޕްލައިގެ ހިންގުން ޖުލައި މަހު ސްޓޭޓް ފާމާއާ ހަވާލުކުރަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ހުރިހާ ބޭސްފިހާރަތަކާއި ބޭސް އެތެރެކުރުމުގެ މުޅި ވިއުގަ، އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 'ސްޓޭޓް ފާމާ' ގެ ބެލުމުގެ ދަށަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by Allied

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް(އެސްއޯއީ) ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުން، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޝާހް މާހިރު ވިދާޅުވީ، ބޭހުގެ ދަތިކަމަކީ މުޅި ގައުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި ޒަމާނީ އީއާރްޕީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މި ނިޒާމާ އެކު، ހުރިހާ ފާމަސީއެއްގެ ސްޓޮކް ވަގުތުން ބަލައިލެވި، ކުރިއަށް އޮތް ތަނަށް ބޭނުންވާނެ ބޭހުގެ މިންވަރު ދުރާލާ އަންދާޒާ ކުރެވޭނެކަން ޝާހް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އާބާދީ ކުޑަވުމަކީ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުން ގިނަ އަދަދަކަށް ބޭސް ގަތުމަށް އޮތް ހުރަހެއްކަން ފާހަގަކުރައްވައި، ޝާހް ވިދާޅުވީ މިކަމުން އަރައިގަނެވޭނީ ވަރަށް ދުރާލާ ޕްލޭން ކުރެވިގެން ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ބޭސް އެތެރެކުރުމުގެ ނިޒާމު އެކި ދިމާލަށް ބެހިފައި އޮތުމުގެ ސަބަބުން މައްސަލަތައް ފުނިޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް ފާމާއިން މިހާރު ވެސް ވަނީ އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރާއްޖެއިން އާންމުކޮށް ލިބެން ނެތް ބޭސްތައް ހާއްސަ އުސޫލެއްގެ ދަށުން ގެނެސްދިނުމުގެ ހިދުމަތް އޭޕްރީލް މަހުން ފެށިގެން ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުން، އާންމުންގެ ޝަކުވާތަކާއި ސުވާލުތަކަށް ޖަވާބުދާރީވުމަށް 1505 ގެ ނަމުގައި 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެ ކުންފުނިން ދަނީ އެންސްޕާއާ ގުޅިގެން ވެސް ބޭސް ހޯދުމުގެ ކަންކަން އަވަސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން ސްޓޭޓް ފާމާ އުފެއްދެވީ، އެސްޓީއޯގެ ދަށުން ކުރިއަށްގެންދިޔަ މެޑިކަލް ސަޕްލައިގެ މަސައްކަތްތައް ވަކި ކުންފުންޏަކަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ ބޭހުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

Ads by Allied Insurance