ޚަބަރު

އެޗްއާރުސީއެމްގެ ރިޕޯޓްގައި ފާހަގަކުރި ކަންކަން އިސްލާހުކުރާނެކަމުގެ ޔަގީންކަން ފުލުހުން ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނެރުނު ރިޕޯޓްގައި ފާހަގަކުރި ކަންކަން އިސްލާހުކުރާނެކަމުގެ ޔަގީންކަން ފުލުހުން މިއަދު ދީފިއެވެ.

Ads by Allied

ގައިދީންގެ އަތާއި ފައިގައި ބިޑި އެޅުވުމަށް ފަހު ވަރަށް ހޫނުވާ ސަރަހައްދެއްގައި އެކަހެރި ކޮށްފައި ބައިތިއްބާ މައްސަލައެއް އެޗްއާރުސީއެމްއިން އެކުލަވާލައި އާންމުކުރި މިދިޔަ އަހަރުގެ "ނެޝެނަލް ޕްރިވެންޓިވް މެކޭނިޒަމް"ގައި ރިޕޯޓްކޮށްފައިވެއެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ރިޕޯޓުގައި ހޯދާފައިވާ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދާއި ލަފާތަކެއް ކަމަށާއި އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ފާހަގަކުރުން މުހިންމު ކަމަށެވެ.

އެހެން ނަމަވެސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން އެޗްއާރުސީއެމްއާއި ކަމާ ބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން މަަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދިނެވެ.

Ads by Allied Insurance