ޗެނަލް ޕާކް މޫދުގައި ކުނި ދައުރުވުން ހުއްޓުވަން، ދާ ޖަހަން ފަށައިފި
ހުޅުމާލެ 1އާއި ހުޅުމާލެ 2ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދުގައި ކުނި ދައުރުވުން ހުއްޓުވަން، ދާ ޖަހަން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ އޮއިވަރާއެކު އެ ޗެނަލް ޕާކަށް ކުނިތައް ޖަމާވަމުންދާ ކަމަށެވެ.
އެހެންވެ ދާ ޖަހައިގެން އެތަނަށް ކުނި މަދުކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ ޗެނަލް ޕާކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެ ތަނުގައި މުރަކަ އިންދުމުގެ ހަރަކާތެއް އަންނަ ބުދަ ދުވަހު ބާއްވަން މިހާރު ދަނީ ތައްޔާރުވަމުނނެވެ.
ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް ހުރަސް އެޅޭނެކަމަށް ބުނެ އެޗްޑީސީން ވަނީ އެތަނަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ވެސް ހަދައިފައެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލު ޗެނަލް ޕާކު ސަރަަހައްދު މި ފަހުން ގިނަ ބައެއްގެ ސަމާލުކަން އަތުލީ އެ ތަނަށް ޖަމާވި ކޯމަސްތަކާ އެކު ސޯޝަލް މީޑިއާގައި ވައިރަލްވި ފޯޓުތަކުން ނެވެ.