ތެލަސީމިއާ ބަލިމީހުންނަށް އޯގާތެރިވެ އިންސާނިއްޔަތުކަން އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
ތެލަސީމިއާ ބަލިމީހުންނަށް އޯގާތެރިވެ އިންސާނިއްޔަތުކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ތެލަސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާ އެކްސް މެދުވެރިކުރައްވައި ދެއްވި ޚާއްޞަ މެސެޖެއްގައި، މި ދުވަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ލޭއަޅާ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ބަދަހި ޤައުމެއް ބިނާކުރުމުގެ އަސާސްކަން ފާހަގަކުރައްވާފައެވެ.
ތެލަސީމިއާގެ ވޭން އުފުލަމުންދާ ކޮންމެ ދިވެއްސަކީވެސް އަމިއްލަ ޢާއިލާގެ މެންބަރެއް ފަދައިން ދެކުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި ފަދަ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ފުރިހަމަ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވާޖިބުކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 8ވަނަ ދުވަސް، ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހުގެ ގޮތުގައި ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ މި ބައްޔާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، ބަލީގައި ނިޔާވެފައިވާ ފަރާތްތަކުގެ ހަނދާން އާކުރުމެވެ. މިއަހަރުގެ ތެލަސީމިއާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރުން ބާރުއަޅަނީ، ބަލި ހުރިކަން ނޭނގި ތިބި ފަރާތްތައް ހޯދައި ދެނެގަތުމަށާއި، ފޮރުވިފައިވާ މީހުންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.