ތެލެސީމިއާ ސެންޓަރުގައި އަލަށް ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެލުމުގެ ދަށުން ހިދުމަތް ދޭން ފަށަނީ
ތެލެސީމިއާ ސެންޓަރުގައި އަލަށް ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެލުމުގެ ދަށުން ހިދުމަތް ދޭން ފަށަން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު އެކްސްގައި ވިދާޅުވީ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ހިދުމަތް މިދިޔަ އަހަަރުގެ މޭ މަހުން ފެށިގެން އޮތީ ދޭން ފަށައިފައި ކަމަށެވެ.
އަދި އެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހާއްސަ ޑޮކްޓަރަކު މިހާރު ރެކްރޫޓްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން މި ޖޫން މަހުގެ ތެރޭގައި ސެންޓަރުގައި ހިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފަށާނަން" ހަލީމް ވިދާޅުވިއެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެތެެރެހަށި އަދި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ އޮންކޯލް ހިދުމަތް، ކުރިއަށް އޮތް 10ވަރަކަށް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ކުރިން މާލޭގައި ހިންގަމުން އައި ތެލެސީމިއާ ސެންޓަރު ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގެ އިމާރާތަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރު މޭ މަހުއެވެ.
އެ ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓުން 600ލޭ ޕައިންޓަށް ވަނީ އިތުރުވެސްކޮށްފައެވެ.