ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު 20ގައި ހުޅުވާލަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ފޯމު ފުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ މީހުންގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، މި މަހުގެ 20ވަނަ ދުވަހު އެ ފުރުޞަތު ހުޅުވާލަން ނިންމައިފިއެވެ.

Ads by Allied

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އައު ބަދަލާ އެކު މި މަހުގެ 20އިން ފެށިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ބެލެނިވެރިންނަށް ފޯމު ލުމުގެ މުއްދަތު ވަނީ ދީފައެވެ. މި އުސޫލުގެ ދަށުން ބެލެނިވެރިންނަށް ކުރިމަތިލެވޭނީ، އުމުރުން 18 އަހަރު ނުފުރޭ ކުދިންނާއި، އަމިއްލައަށް ފޯމު ފުރިހަމަކުރުމަށް އުޒުރުވެރިވާ މީހުންގެ ފަރާތުންނެވެ. މި ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން، ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު އެންމެ ފުރަތަމަ އިޢުލާންކުރެއްވީ ފާއިތުވި އޭޕްރީލް މަހުގެ ތެރޭގައެވެ.

ސަރުކާރުން ހިންގާ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫޢުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ފޯމުލުމުގެ ފުރުޞަތު ވަކިން ހުޅުވާލާފައިވަނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުއެވެ. މި ކެޓަގަރީން ކުރިމަތިލާއިރު، އެ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ދޫކޮށްފައިވާ ކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެކަމަށް ވުޒާރާއިން ބަޔާންކުރެއެވެ.

އޭގެ އިތުރުން، އަމިއްލަ ރަށުން ނުވަތަ އަތޮޅުން އެކަށީގެންވާ ސިއްޙީ ފަރުވާ ލިބެން ނެތުމުގެ ސަބަބުން، މާލެއަށް ބަދަލުވެ ފާއިތުވި އެއް އަހަރު ދުވަސް ވަންދެން ގްރޭޓަރ މާލެ ސަރަޙައްދުން ފަރުވާ ހޯދަމުން އަންނަ މީހުންނަށް ވެސް، އެ މީހުންގެ މާލީ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ފޯމު ލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި ބޮޑު ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ފްލެޓަށް އެދުމަށް ހުޅުވާލީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

Ads by Allied Insurance