ޑޮކިއުމަންޓްރީއާ ގުޅިގެން ފިޔާޒްއާއި ހަސަންގެ މައްޗަށް ދައުވާކޮށްފި
"އަދަދު"ނޫސްއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ގެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލައިގައި އެ ނޫހުުގެ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނީ ޑޮކިއުމަންޓްރީއާ ގުޅިގެން ފިޔާޒްއާއި ހަސަންގެ މައްޗަށް ގަޒްފުކުރުމުގެ ދައުވާ މިއަދު ޕްރޮސޮކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓުން މިރޭ ވަނީ އެއްވެސް ފަރާތަކުން ދައުވާއާ ގުޅުން ހުރި ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި އަދި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުދެއްކުމަށާއި ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުނެރެފައެވެ.
އަދި އޭގެ އިތުރުން މަުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ޝަރީއަތް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި ސިިއްރުކޮށްގެން ކަމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އަމުރު ނެރެފައެވެ.
އަދި އަމުރުގައި ބުނެފައިވާ ކަންކަމާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދުގެ އޮފީހަށް ވެސް ބަލައިވެސް ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެެވެ.
އަދި އެ މައްސަލައިގައި ފިޔާޒް އަދި ހަސަންގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.
ޑޮކިއުމަންޓްރީ އުފެއްދުމުގައި ހިމަނާފައިވަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި އަދި އެކަން ކުރި ބަޔަކު ހޯދައި، ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވައިފައެވެ.