ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ހާއްސަ އެހީތެރިކަން އިތުރުކުރަން ރާއްޖެއިން ގޮވާލައިފި
ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ހާއްސަ އެހީތެރިކަން އިތުރުކުރަން ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން އެފަދައިން ގޮވާލީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 30ވަނަ ބައްދަލުވުން އިފްތިތާހްކުރުމަށް މިއަދު ރާއްޖޭގައި ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރ އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.
އޭގެ އިތުރުން ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ގައުމެއްގެ ހާއްސަ ބޭނުންތައް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކޮށް، މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، އެ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީވެސް މުހިންމުކަމެއްކަމުގައި ވިދާޅުވިއެވެ.
ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމުއިއްޔާތައް އެކުއެކީގައި އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު އިރުތިޝާމް ދެއްވިއެވެ.
އައިއޯޓީސީގެ އެ ބައްދަލުން މި މަހުގެ 15އާ ހަމައަށް ކުރިއަށް ދާނެއެވެ. ދެހާސް އެގާރައިން ފެށިގެން އައިއޯޓީސީގެ މެމްބަރު ގައުމަކަށްވުމަށްފަހު ރާއްޖެއިން ދަނީ އެ ޖަމުއިއްޔާގައި އިސް ދައުރެއް އަދާކުރަމުންނެވެ. ހާއްސަގޮތެއްގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ކުދިޖަޒީރާ ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތެކެއްދަނީ ކުރަމުންނެވެ.