ޚަބަރު

އައްޑޫގައި ވައްކަން އިތުރުވެ ނުއަގުގައި ވިއްކާ ފަރާތްތަކުގެ މައުލުމާތު ހިއްސާކުރަން ފުލުހުން އެދިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ޓައިމްސް އޮފް އައްޑޫ

އައްޑޫގައި ވައްކަން އިތުރުވެ ނުއަގުގައި ވިއްކާ ފަރާތްތަކުގެ މައުލުމާތު ހިއްސާކުރަން ފުލުހުން އެދިއްޖެއެވެ.

Ads by Allied

އައްޑޫގެ ފުލުހުންގެ ޕޯސްޓުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްކޮޅު ވައްކަން ގިނަކަން ފާހަގަ ކުރެވޭތީ، ހާއްސަ ސަމާލުކަމެއްދީގެ ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ވައްކަން ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސް ނުކޮށް ކޯލް ސެންޓަރު ނަމްބަރު 125އަށް ގުޅުއްވައި، މައުލޫމާތު ހިއްސާކުރަން ވެސް ވަނީ އެދިފައެވެ.

އައްޑޫގެ ފުލުހުން ބުނީ ރޭވެސް ހިތަދޫ ގެއަކުން ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު އައްޑޫ ސިޓީ ހިތާދޫ ޕޮލިސްއަށް ރިޕޯޓްކުރި ކަމަށާއި އެ މައްސަލައިގައި ވަގަށް ކަނޑާފައިވާ ކެޔޮގަނޑު ހިތަދޫގެ ފިހާރައަކަށް ވިއްކާދައިވަނިކޮށް ހިތަދޫ ޕޮލިސް އިން ކުރި މަސައްކަތުން ކެޔޮގަނޑު ހޯދައި ވެރިފަރާތާއި ހަވާލުކުރި ކަމަށެވެ.

ވައްކަމުގެ މައްސަލަތަކުގައި ގެއްލުނު ތަކެތީގެ ތެރެއިން ގަން ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ހޯދި އެހެނިހެން ތަކެތީގެ ތެރޭގައި ބައިސްކަލު، ސިމެންތި ކޮތަޅު، އަދި ކަރަންޓާ ގުޅޭ ސާމާނު ހިމެނެއެވެ.

Ads by Allied Insurance