ޚަބަރު

މި ސަރުކާރުން ފްލެޓާއި ގޯތި ހަވާލުކުރާނީ ބިން ހިއްކާ، އިމާރާތްކުރުމަށް ފަހު: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރާ ޚިލާފަށް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ގޯތި ދޫކުރާނީ ބިން ހިއްކުން ނިމުމުން ކަމަށާއި އަދި ފްލެޓްތައް ހަވާލުކުރާނީ އިމާރާތްކޮށް ނިމުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Allied

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ދޫކުރާ ފްލެޓްތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ފާހަގަކުރެއްވީ، ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ގޯތި ދީފައި ވަނީ އެއްވެސް މިންވަރަކަށް ބިން ނުހިއްކައި ކަނޑާއި ފަޅުތެރެއިން ކަމަށެވެ.

އެހެންނަމަވެސް އެފަދަ ގޮތަކަށް މި ސަރުކާރުން އަމަލުނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލުމުގެ ބަދަލުގައި މިވަގުތު ސަރުކާރުން ކުރިއަށްގެންދަނީ ބިން ހިއްކުމާއި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތައް ކަމަށެވެ.

ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ އެންމެ އަސާސީ އެއް ޙައްޤުކަން ފާހަގަކުރައްވައި، އެ ޙައްޤު ފުރިހަމައަށް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކުރީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއްބަސްވެ ދޫކޮށްފައިވާ ލިޔުންތަކަށް މި ސަރުކާރުން ޙުރުމަތްތެރިކޮށް ހިތާނެކަމަށާއި، ކަސްޓަމްސް މުވައްޒަފުންނަށާއި ކުރީގެ 4،000 ހައުސިންގ ޔުނިޓުގެ މައްސަލައިގައިވެސް އަމަލުކުރަމުންދަނީ އެ އުޞޫލުގެ މަތިން ރައްޔިތުންނަށް ގެއްލުން ނުވާނެހެންކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

Ads by Allied Insurance