ޚަބަރު

އިންޑިއާ ކަނޑު ހިމާޔަތްކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް / ފޮޓޯ: ޚާރިޖީ ވުޒާރާ

ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރެވޭނީ ބައިނަލްއަޤުވާމީ އޮނިގަނޑުތަކުގެ ތެރެއިން ސަރަޙައްދީ ޤައުމުތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

Ads by Allied

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 30ވަނަ އަހަރީ ބައްދަލުވުން ދިވެހިރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިންޑިއާ ކަނޑުގެ ސަރަޙައްދަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކަނޑުތައް ބެލެހެއްޓުމުގެ ސިޔާސަތުތައް ބައްޓަންކުރާއިރު، އެ ނިޒާމަކީ ހުރިހާ ޤައުމުތަކެއްގެ، ވަކިން ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެވޭނެފަދަ ހަރުދަނާ އޮނިގަނޑަކަށް ވުން ލާޒިމުކަމަށް އެކަމަނާ ވިދާޅުވިއެވެ.

މަސްވެރިކަމާގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށްޓަކައި، އެ ޤައުމުތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ހަމައެހެންމެ، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކުން އެއް އަމާޒަކަށް މަސައްކަތްކުރުމަށް ގޮވާލައްވަމުން، މި މަޤްޞަދު ޙާޞިލުކުރުމުގައި ރާއްޖެއިން މެދުކެނޑުމެއްނެތި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 އިން 15 ދުވަހުގެ ނިޔަލަށެވެ.

ސަނަދު 2011ވަނަ އަހަރު އައިއޯޓީސީގެ މެންބަރަކަށްވުމަށް ފަހު، ދިވެހިރާއްޖެއިން އަންނަނީ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމުގައްޔާއި ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިޔާސަތުތައް އެކަށައެޅުމުގައި އިސްދައުރެއް އަދާކުރަމުންނެވެ. އެގޮތުން، ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Ads by Allied Insurance