ޚަބަރު

ރައީސަށް ގަޒުފުކުރިކަމުގެ ދައުވާ ލިބޭ "އަދަދު"ގެ އިސްވެރިންގެ ޝަރީއަތް މާދަމާ ފަށަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ގަޒުފުގެ ތުހުމަތުތަކެއް ހިމެނޭ ޑޮކިއުމަންޓްރީއެއް އާންމުކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Ads by Allied

ކްރިމިނަލް ކޯޓުގެ ބީ1 ސެކްޝަނުން މާދަމާ މެންދުރުފަހު 1:00 އަށް ތާވަލުކޮށްފައިވާ މި އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާންމުންނަށް ނުވަދެވޭނެހެން ސިއްރުކޮށްގެންނެވެ. މި މައްސަލައިގެ ޝަރީއަތް ބައްލަވާނީ ގާޒީ އިބްރާހީމް ޒިހުނީއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 612ވަނަ މާއްދާއާ ހަވާލާދީ، ގަޒުފުގެ ކުށުގައެވެ. މި ދައުވާ އުފުލާފައި ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އެ ނޫހުން ގެނެސްދިން ވީޑިއޯ ރިޕޯޓަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، މުޖުތަމައުގެ ތެރޭގައި އެ ޑޮކިއުމަންޓްރީ އިތުރަށް ނުފެތުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ. އަދި އެ އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަމަށް އަންގާފައިވީ ނަމަވެސް، "އަދަދު" ނޫހުން އެ އަމުރަށް ތަބާވަމުން ނުދާކަން ފާހަގަކުރެވެއެވެ.

Ads by Allied Insurance