އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ލަސްތަކެއްނުވެ ބާޒާރުން ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެހެން ކުންފުނިތަކާ ގުޅިގެން ލަސްތަކެއްނުވެ އެ މުދާ ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދީފިއެވެ.
އިގުތިސާދީ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަށް އާންމުކޮށް ހިލަވެލި އެތެރެކުރަނީ ޔޫއޭއީގެ ފުޖައިރާއިންނެވެ. އަދި ސިމެންތި އެންމެ ގިނައިން ގެންނަނީ އޮމާނުންކަމަށް ވާއިރު، މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ސަޕްލައި ޗޭނަށް ބުރޫއަރައި، މި ތަކެތި ލިބުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއާއި، ގަތަރު އަދި ދުބާއީ ފަދަ ގައުމުތަކުގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހަލުވިކަމާ އެކު ކުރިއަށްދާތީ، އެ ގައުމުތަކުން އުފައްދާ މުދާ ބޭރުކުރުމުގެ ބަދަލުގައި އަމިއްލަ ބޭނުމަށް ބޭނުންކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި މިފަދަ ތަކެތީގެ އަގު އުފުލިފައިވާކަމަށާއި، ކޮންޓްރޯލް ނުކުރެވޭނެ މިފަދަ ސަބަބުތަކާހުރެ ކުރިއަށް އޮތް ތާނގައި ރާއްޖެއަށް ވެސް މި ތަކެތި އެތެރެކުރެވޭނީ ހަނގުރާމައިގެ ކުރިން ހުރި އަގުތަކަށްވުރެ ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، މި ދަތިތަކުން އަރައިގަނެ، ބާޒާރުން ހުސްވެފައިވާ މުދާތައް އަލުން ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަން ޝިމާދު ކަށަވަރުކޮށްދެއްވިއެވެ. އަދި މިހާރު ވެސް އެސްޓީއޯއަށް ލިބިފައި ހުރި ކޮންސްޓްރަކްޝަން ސާމާނު، ތިލަފުށިން ސީދާ އަތޮޅުތެރެއަށް ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިވެރިންގެ އޯޑަރާ އެއްގޮތަށް އުޅަނދުފަހަރަށް ބަރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ވެސް އެމްޑީ ހާމަކުރެއްވިއެވެ.