އެލްޖީއޭގެ ސްޓާފުން ސިވިލް ސަރވިސްގެ އޮނިގަނޑަށް ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، އެ އިދާރާގެ ހުރިހާ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ހުށަހެޅި އިޞްލާޙު، 59މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބަދަލާ އެކު، މީގެ ކުރިން އެލްޖީއޭގެ ބޯޑަށް އޮންނަ މުވައްޒަފުން ވަޒީފާއަށް ނެގުމާއި ވަކިކުރުމުގެ ބާރު ވަނީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އަށް ފުރޮޅިގެން ގޮސްފައެވެ. ނަމަވެސް، މި ކަންކަން ސީއެސްސީން ކުރިއަށް ގެންދާނީ އެލްޖީއޭގެ މަޝްވަރާއާއި ލަފާގެ މަތިންނެވެ. މީގެ އިތުރުން، އެޗްއާރުގެ ކަންކަމުގައި އެންމެ އިސްވެރިޔަކީ އޮތޯރިޓީގެ ސީއީއޯކަމަށް ކަނޑައަޅައި، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގެ ބާރު ދީފައިވަނީ ނޭޝަނަލް ޕޭ ކޮމިޝަނަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި މި ބިލު ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ މުހިންމު އައު ނިންމުންތަކެއް ހިމަނާފައެވެ. އޭގެ ތެރޭގައި، ރަށު ކައުންސިލްތަކުން އާންމުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުން ރަސްމީކޮށް ވަނީ ހިމަނާފައެވެ. އަދި ހަމައެހެންމެ، ކައުންސިލްތަކަށް ސަރުކާރުން އާމްދަނީ ދޫކުރާއިރު، ފެނާއި ނަރުދަމާ، ކަރަންޓު އަދި ކުނި މެނޭޖުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް ނުދައްކާ ހަ މަސްދުވަސް ފާއިތުވެފައިވާ ބިލުތައް ކެނޑުމަށްފަހު، ބާކީވާ ފައިސާ ދޫކުރާ ގޮތަށްވެސް ވަނީ އުސޫލު ބަދަލުކޮށްފައެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެލްޖީއޭއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ބަލަހައްޓައި ވިލަރެސްކުރާ މައި އިދާރާއެވެ. މި ގެނެވުނު އިޞްލާޙާ އެކު އެ އިދާރާގެ އެތެރޭގެ ހިންގުން ސިވިލް ސަރވިސްގެ މިންގަނޑުތަކަށް ފެތިގެންދާނެއެވެ.