މިއަހަރުވެސް ހައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ހިދުމަތް ލިބޭނެ!
މި އަހަރުވެސް ރާއްޖެއިން ހައްޖަށް ދާ މީހުންނާއި އެ މީހުންގެ އެހީތެރިންނަށް އެއާޕޯޓަށް ދިއުމަށް ބަހުގެ ހިދުމަތް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހައްޖުގެ އަޅުކަން ފެށެން ކުޑަތަން ވަމުންދާ އިރު ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރާނީ އަންނަ ހުކުރު ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އިސްނަގައިގެން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހައްޖުވެރިންނާއި، އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ހިދުމަތް ދިނުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ހައްޖުވެރިން ފުރާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން، ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބަސް ރޫޓުތަކުގެ ދަތުރުތައް ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހުކުރު ދުވަހު ބަސްދަތުރުތައް ހެނދުނު 10:30ގައި ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް ކަނޑައަޅާނީ އެ ދުވަހެއްގައި ފުރުމަށް ހަމަޖެހިފައިވާ ހާޖީންނަށް އެންމެ ފަސޭހައިން ބަހާއި ހަމައަށް ފޯރޭނެ ސަރަހައްދުތައް ބެލުމަށްފަހު ކަމަށެވެ. އަދި ރޫޓާއި ގަޑިތައް ވުޒާރާގެ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމު ކުރާނެ ކަަމަށް ވެސް ބުންޏެވެ.
"ކޮންމެ ޙައްޖުވެރިއަކުވެސް އެ ޙައްޖުވެރިޔާއަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ބަސް ހުއްޓިތަކުގައި ވުޒާރާގެ މުވައްޒަފުންނާއި، ސްކައުޓުން، ގާލްގައިޑުން އަދި ކެޑޭޓުން ހަރަކާތްތެރިވާނެއެވެ"މިނިސްޓްރީން ބުންޏެވެ.