ތާރީހުގައިވެސް އެންމެ ގިނަ ދިވެހީންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ މި ސަރުކާރުން: ރައީސް
ތާރީހުގައިވެސް އެންމެ ގިނަ ދިވެހީންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ މި ސަރުކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެ ޔަގީންކަން ދެއްވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަން އިތުރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ.
މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިންތިހާބުތަކާ ދިމާކޮށް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ، އިންތިހާބު ނިމޭއިރުވެސް ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭވަރު ނުވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ހަރުދަނާކޮށް، އެންމެ ގިނަ ބަޔަކަށް ގެދޮރުވެރިކަން ހޯދައިދޭ ސަރުކާރަށް ވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރުވެސް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ނިމިދިޔަ ސަރުކާރުން ކަނޑުފަޅުތަކުން ދޫކުރި ގޯތިތައް ހަގީގަތަކަށް ހެއްދެވުމަށް، ބިން ހިއްކުމުގެ މަސައްކަތްތަކާއި، ހުއްޓިފައި ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ޙަވާލުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ސަރުކާރުން މިހާރުވެސް ފްލެޓް ބިނާކުރުމުގެ އެތައް އައު މަޝްރޫއުތަކެއްގެ މަސައްކަތް ފަށާފައިވާކަމަށާއި، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުފާވެރި ހަބަރުވެސް ރައީސް ދެއްވިއެވެ.