ޚަބަރު

ރާއްޖެއާއި މިސްރާ ދެމެދު ސަލާމަތީ ގުޅުން ބަދަހިކޮށް، ކުށްކުރުން ހުއްޓުވުމުގެ މުހިންމު އެއްބަސްވުމެއް އެކުލަވާލަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު / ފޮޓޯ: ފުލުހުންގެ ޚިދުމަތް

ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮންނަ ސަލާމަތީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ބޯޑަރު ހުރަސްކޮށް ހިންގާ ބޮޑެތި ކުށްތައް ކޮންޓްރޯލްކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި މުހިންމު ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް، ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު މިއަދު މިސްރަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

Ads by Allied

މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ސީޕީ ކުރައްވާ މި ދަތުރުފުޅަކީ، މިސްރުގައި ގާއިމުކޮށްފައި ހުންނަ ދިވެހި އެމްބަސީގެ އިސްނެގުމަކަށް އިންތިޒާމުކޮށްފައިވާ ދަތުރުފުޅެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާ ގޮތުގައި، މި ޒިޔާރަތުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދެ ޤައުމު ގުޅިގެން ކުށްމަދުކުރުމަށާއި، އަމަންއަމާންކަން ކަށަވަރުކުރުމަށް ރަސްމީ ސިފައެއްގައި އެއްބަސްވުމަކަށް އައުމެވެ.

މި ޒިޔާރަތުގެ ތެރެއިން، މިސްރުގެ ޤައުމީ ސަލާމަތާބެހޭ އިދާރާތަކުގެ އެންމެ އިސް ވެރިންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރެއްވުމަށް ވަނީ ޝެޑިއުލްކުރެވިފައެވެ. އޭގެ އިތުރުން، ކުށްވެރިން ރިހެބިލިޓޭޓްކުރާ މަރުކަޒުތަކަށާއި، ދިވެހި ފުލުހުންނަށް ފަންނީ ގޮތުންނާއި އަމަލީ ގޮތުން ފައިދާކުރަނިވި ތަމްރީނުތައް ފޯރުކޮށްދޭ އިންސްޓިޓިއުޓްތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

ފުލުހުންގެ މުއައްސަސާއިން ދެކޭގޮތުގައި، ސީޕީގެ މި ދަތުރުފުޅަކީ މިސްރުގެ އިންޓީރިއަރ މިނިސްޓްރީއާއި ދިވެހި ފުލުހުންނާ ދެމެދު އޮތް ގުޅުން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމެކެވެ. އަދި މީގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގެ މައިދާނުގައި ދެ ޤައުމަށްވެސް މަންފާކުރަނިވި ގިނަ މަސައްކަތްތަކެއް ކުރިމަގުގައި ފެށިގެންދާނެކަމަށް އެ އިދާރާއިން އުންމީދުކުރެއެވެ.

Ads by Allied Insurance