ވިޔަފާރި

އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ދޭ ލޯނުގެ ނިސްބަތް ބޮޑުތަނުން މައްޗަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގެ އިޤްތިޞާދީ މައިގަނޑު ދާއިރާތައް ކުރިއެރުވުމުގެ މަޤްޞަދުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ބޮޑުތަނުން އުފުލިފައިވާކަން މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

Ads by Allied

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ޕްރައިވެޓް ސެކްޓަރަށް ދޫކުރި ކްރެޑިޓް ފެބްރުއަރީ މަހު 13 އިންސައްތައިގައި ހުރިއިރު، މާރިޗު މަހުގެ ނިޔަލަށް އެ އަދަދު ވަނީ 14 އިންސައްތައަށް އަރާފައެވެ. މީގެ ތެރޭގައި ޢިމާރާތްކުރުމުގެ ސިނާޢަތާއި، ރިއަލް އެސްޓޭޓް، ޢާންމު ވިޔަފާރިތަކުގެ އިތުރުން އަމިއްލަ ބޭނުންތަކަށް ފަރުދުން ނަގާފައިވާ ލޯނުތަކުގެ އަދަދުވެސް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ބޭންކުތަކުގެ ލޯނު ޕޯޓްފޯލިއޯއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތެވެ. އެގޮތުން، މުޅި ޖުމްލަ ކްރެޑިޓްގެ 34 އިންސައްތަ އެ ދާއިރާއަށް އަމާޒުކޮށްފައިވާއިރު، ހަމައެކަނި މާރިޗު މަހުވެސް ފަތުރުވެރިކަމަށް ދިން ލޯނުގެ މިންވަރު ވަނީ 12 އިންސައްތަ ކުރިއަރާފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ދާއިރާގެ ލޯނުތައް މައްޗަށް ދިޔަ މައިގަނޑު ސަބަބަކީ، އައު ރިސޯޓުތައް ތަރައްޤީކުރުމަށާއި، މިހާރު ހިންގަމުންދާ ރިސޯޓުތަކާއި ގެސްޓްހައުސްތައް އައުކޮށް މަރާމާތުކުރުމަށް ފައިސާ ހޯދާފައިވާ މިންވަރު އިތުރުވުމެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަޢުލޫމާތު ދޭގޮތުގައި ވެސް އެ މުއައްސަސާއިން ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އެންމެ ބޮޑު އިންސައްތައެއް ނަގަނީ ފަތުރުވެރިކަމުގެ ބޭނުންތަކަށެވެ. އަދި އޭގެ ތެރޭގައި ބޭރު ފައިސާއިން ނުވަތަ އެމެރިކާ ޑޮލަރުން ދޫކޮށްފައިވާ ލޯނުތައް ގިނަކަން ވެސް އެ ބޭންކުން ކަށަވަރުކޮށްދެއެވެ.

Ads by Allied Insurance