އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުން ޝަމްހޫޒާ ވަކިކޮށްފި
މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ބޯޑާއި ޗެއަރމަންގެ މަޤާމުގައި ހުންނެވި ޝަމްހޫޒާ އަޙްމަދު މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވާކަން ދައުލަތުގެ ވިޔަފާރި ކުންފުނިތައް ބަލަހައްޓާ މައި އިދާރާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިހާރު ވަނީ ޔަޤީންކޮށްދީފައެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި ޗެއަރމަންގެ ހައިސިއްޔަތުން ޝަމްހޫޒާ އަދާކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތައް މިއަދުން ފެށިގެން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ދައުލަތުގެ ކުންފުނިތަކަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި ސަރުކާރުން ދަނީ ކުންފުނިތަކުގެ އިސް ސަފަށް މުހިންމު ބަދަލުތަކެއް ގެންނަމުންނެވެ. މިގޮތުން، ފާއިތުވި އޭޕްރިލް މަހުގެ 12ވަނަ ދުވަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޢަބްދުލްމަތީން މުޙައްމަދު އަމިއްލަފުޅަށް ވަކިވެވަޑައިގަތުމާ ގުޅިގެން، ކުންފުނި ހިންގުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ޙުސެއިން ފަޙުމީ ވަނީ ހަމަޖައްސަވާފައެވެ.