ދިގަލިއާއި އާއްޓޭގެ ޝަރީއަތް މާދަމާ ފަށަނީ
ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 13މިލިއަން ސިނގިރޭޓާ އެކު ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމަށް ފަންޑުކުރިކަމަށް ފުލުހުން ތުހުމަތުކުރާ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް އާއްޓޭ އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި)ގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.
ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އަދި އާއްޓޭއާއި ދިގަލި ހިމެނޭހެން 10މީހެއްގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ދައުވާވެސް އުފުލިއެެވެ. އެ އެންމެންވެސް މިހާރު ތިބީ ބަންދުން ދޫކޮށްލައިފައެވެ.
ކްރިމިނަލް ކޯޓުގެ މާދަމާގެ ތާވަލުގައިވާ ގޮތުން އެ މައްސަލައިގައި ދައުވާ އުފުލި ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު ފިޔަވައި އެހެން އެންމެންގެ ޝަރީއަތް މާދަމާ ފަށާނެ އެވެ. އާދަމް ވަހީދަކީ ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަންއެވެ.
އެ މައްސަލައިގައި ދިގަލި އަދި އާއްޓޭގެ މައްޗަށް ދެ ދައުވާ އެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގައ ބައިވެރިވުމާއި އަދި އެކަން ރޭވުމުގެކުށެވެ.
އެ މައްސަލައަގައި ދައުވާ އުފުލާފައިވާ އެހެން މީހުން
- ހ. ނިއުހެޕިނަސް، މުއާޒު ޢަލީ
- ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް
- ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް
- ހ. ރުމޭނިޔާ، އަހުމަދު ފިރުސާން
- ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު
- ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއް ރަހުމާން
- ބަނގުލަދޭޝް، މުހައްމަދު އަލަމިން މިއާ