ޚަބަރު

ޕެންޝަންއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް މުއިއްޒު ތަސްދީގުކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު--

ރާއްޖޭގެ ޕެންޝަންއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް  ތަސްދީގުކޮށްފި އެވެ.

Ads by Allied

ސަރުކާރުން ސްޕޮންސާ ކޮށްގެން ޕެންޝަންއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބިލު ރޭ ރައީސް ޑރ. މުހައްމަދު ތަސްދީގުކުރައްވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ގެޒެޓުގައި ވެސް ޝާއިއުކޮށް އިސްލާހުތަކަސް އަމަލުކުރަން މިހާރު ފަށާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ތަސްދީގުކުރި އިސްލާހުތަކުގައި އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ ހާލަތްތަކާއި، ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އުސޫލުތައް ހިމަނާފައި ވެއެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ލިބިނުދެވޭނެކަމާއި، ގެދޮރު އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަމަށް އިސްލާހުތަކުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ބަލިވެ ގަދަނުވާނެ ފަދަ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެކަމާއި އަދި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް އިސްލާހުތަކުގައި ހިމަނާފައިވެއެވެ. އަދި ހައްޖުވުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށްވެސް ބުނެފައި ވެެއެވެ.

Ads by Allied Insurance