ޚަބަރު

ފުޓުބޯޅައަކީ ދުނިޔޭގެ އެކުވެރިކަން އާލާކޮށްދޭ އެންމެ ވަރުގަދަ އެއް ބާރު: މެޑަމް ސާޖިދާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ފުޓުބޯޅަ ދުވަހާ ގުޅިގެން އާންމުކުރެއްވި ޚާއްސަ މެސެޖެއްގައި، ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއްގެ ބަދަލުގައި، އިންސާނިއްޔަތު އެއްބައިވަންތަކޮށް ދުނިޔެ ގުޅުވައިދޭ މުހިންމު ވަސީލަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Allied

މާނަފުން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ މި ކުޅިވަރަކީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ނުހަނު ފޯރިއާ އެކު ކުޅެމުން އަންނަ، އަދި ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރެއްކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އުމުރާއި ނަސްލަށް ބެލުމެއްނެތި، ތަފާތު ސަގާފަތްތަކުގެ މީހުން އެއްތަނަކަށް ޖަމާކުރުމުގެ ކުޅަދާނަކަން ފުޓުބޯޅައަށް ލިބިގެންވާކަން ސާޖިދާ ބަޔާންކުރެއްވިއެވެ.

ކުޅިވަރުގެ މައިދާނުން ބޭރުގައި ވެސް ފުޓުބޯޅައިގެ ސަބަބުން މުޖުތަމައަށް ގިނަގުނަ ފައިދާތަކެއް ކުރާކަމަށް އަނބިކަނބަލުން ވިދާޅުވިއެވެ. އެގޮތުން، އެކުގައި މަސައްކަތްކުރުމުގެ ރޫޙާއި، ރިވެތި އަޚުލާޤުގެ އިތުރުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން މި ކުޅިވަރުން އުނގަންނައިދޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ހަމައެކަނި މޮޅު އެތުލީޓުން އުފެއްދުމުގެ ބަދަލުގައި، ޒިންމާދާރު ރަނގަޅު ޖީލެއް ބިނާކުރުމަށް އެހީތެރިވެދޭ މުހިންމު ހަރަކާތެއް ކަމުގައި ސިފަކުރެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ ފުޓުބޯޅައިގެ ޒަރީއާއިން އަމާން އަދި ގުޅުންބަދަހި މުޖުތަމައުއެއް ޤާއިމުކޮށް، ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް ބާރުއެޅުންކަމަށް އެކަމަނާ ވިދާޅުވިއެވެ. ދުނިޔޭގެ ފެންވަރުގައި ފުޓުބޯޅަ ދުވަހުގެ ގޮތުގައި މެއި މަހުގެ 25ވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2024ވަނަ އަހަރުއެވެ. މި ދުވަސް ޚާއްސަކޮށްފައިވަނީ ތާރީޚުގައި ކުޅެވުނު އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތަށް 100 އަހަރު ފުރުމުގެ މުނާސަބަތާއެވެ.

Ads by Allied Insurance